އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ފޯވާޑް، ސުނިލް ޗެތުރީ، ރިޓަޔާކުރަން ނިންމި ނިންމުން ބަދަލުކޮށް އަލުން އިންޑިއާ ޓީމަށް ކުޅެން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާ ޓީމުން ރިޓަޔާކުރި، އުމުރުން 40 އަހަރުގެ ޗެތުރީ ވަނީ މި މަހު އިންޑިއާއިން ކުޅޭ ދެ މެޗަށް ނެގި ސްކޮޑަށް ހޮވިފައެވެ. އޭގެ ތެރޭގައި މި މަހުގެ 19 ވަނަ ދުވަހު ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި، 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ކުޅޭ މެޗު ހިމެނެއެވެ.
އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒް ބުނީ، "ޔަގީނުން ވެސް ޗެތުރީއާ އެކު މި ޓީމު ވަރަށް ވަރުގަދަވާނެ. މިއީ އިންޑިއާ ފުޓްބޯޅައަށް މުހިންމު ދަނޑިވަޅެއް. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި އަހަރުމެން މަސައްކަތް ފަށާއިރު، ޗެތުރީގެ ތަޖުރިބާ ވަރަށް މުހިންމުވާނެ."
ޗެތުރީ އަކީ އިންޑިއާ ގައުމީ ޓީމަށް 146 މެޗުން 94 ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ. އޭނާ އަކީ ދުނިޔޭގެ ފުޓްބޯޅައަށް ބަލާއިރު، ގައުމީ ޓީމަށް ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި މިހާރު ކުޅެމުންދާ އިންޑިއަން ސުޕަ ލީގުގައި އެންމެ ގިނަ ގޯލު ޖެހި އިންޑިއާ ކުޅުންތެރިޔާ ވެސް މެއެވެ.









