ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ބާއްވަމުން އަންނަ ހަފްތާ ބަންދު ދަރުސްތައް މިއަހަރު ރާއްޖޭގެ 5 އަތޮޅެއްގެ 20 ރަށެއްގައި ފަށައިފިއެވެ. މި ދަރުސްތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށެވެ.
ޖަމްޢިއްޔަތުއްސަލަފްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ދަރުސްތައް ކުރިއަށް ގެންދާނީ 11 ޝެއިޚުންނާއެކު ކަމަށެވެ. މިގޮތުން ދ. އަތޮޅުގެ ކުޑަހުވަދޫ އަދި ހުޅުދެލީގައި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރު ކަމަށާއި، ހއ. އަތޮޅުގެ 6 ރަށެއްގައި އެކި ޝެއިޚުން ދަރުސް ދެއްވާނެ ކަމަށް ވެއެވެ.
މީގެ އިތުރުން އއ. މާމިގިލި، ކ. މާފުށި، ގދ. ނަޑެއްލާ އަދި ފިޔޯރީ، އަދި ރ. އަނގޮޅިތީމުގައިވެސް ދަރުސްތައް ކުރިއަށްދާނެ ކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފްއިން ބުނެފައިވަނީ، ރަމަޟާން މަހުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލު ތަކާއި، އެކިއެކި މުއައްސަސާ ތަކާއި، ޖަމްޢިއްޔާ ތަކާއި، އަމިއްލަ ފަރުދުން ކުރާ މަސައްކަތް ތަކަށް އެ ޖަމްޢިއްޔާ އިން އިންތިހާ އަށް އުފާކުރާ ކަމަށެވެ. އަދި މި ދަރުސްތައް ކާމިޔާބު ކަމާއި އެކު ގެންދިޔުމަށް އެހީތެރިވާ ޝެއިޚުންނަށް ޝުކުރު އަދާކޮށްފައި ވެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ބުނެފައި ވަނީ، ރަމަޟާން މަސް ނޫން އެހެން މަސްތަކުގައި ވެސް އެކިއެކި ރަށްތަކުގައި ހަފްތާ ބަންދު ދަރުސްތައް ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް ރަމަޟާން މަހުގައި ވީހާވެސް ގިނަ ރަށްތަކެއްގައި ދަރުސްތައް ބޭއްވުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.









