އެޗްޑީސީ އާއި ސަލަފު ޖަމިއްޔާ ގުޅިގެން މި ރޯދަ މަހު ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަމަށްޓަކައި އެޗްޑީސީ އާއި ސަލަފު ޖަމިއްޔާއާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން މި ރޯދަ މަހު ފޯރުކޮށްދޭ އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް ސަލަފު ޖަމިއްޔާއަށް ބޭނުންވާ ވޯކިން ސްޕޭސް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ރޯދަ މަހުގެ ކޮންމެ ދުވަހަކު، ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނަށް އެ ޕްރޮގުރާމުގެ ދަށުން އިފްތާރު ޕެކް ފޯރުކޮށްދޭނެ ކަމަށެވެ.
"މިފަދަ ތަނެއް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް. ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށް ވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތްކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް. ނަމަވެސް، މި އަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާ އެކު ފާހަގަކުރާކަމެއް،" މި ޕްރޮގްރާމްގެ ކޯޑިނޭޓަރު މުހައްމަދު ޝުޖާއު ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ މިއީ ބަރަކާތްތެރި ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީގެ އަމާޒަކީ ސީއެސްއާރުގެ ދަށުން ކުރިއަށް އޮތްތަނުގައި ވެސް މިފަދަ މުޖްތަމައުއަށް ފައިދާހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާ އެކު ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރުއެޅުން ކަމަށް އެ ކުންފުނިން ބުންޏެވެ.









