ކުރީގެ ސަރުކާރުގައި ކައުންސިލްތަކަށް ލިބެމުން އައި އެއްބާރުލުމާއި ޚިލާފަށް މިހާރު މާލެ ސިޓީ ކައުންސިލަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކައުންސިލް ހިންގުމަށް ފުރުސަތު ދެއްވާތީ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީގެ އަމިއްލަ ކައުންސިލަރުންނާވެސް ބައްދަލުކުރައްވަން ނުކެރިވަޑައިގަތް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މާލޭ ސިޓީ ކައުންސިލްގެ އޮފީހަށް ވަޑައިގެން ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވި ކަމަށް ނަރީޝް ވިދާޅުވިއެވެ.
"ކުރީގެ ސަރުކާރުގައި އަޅުގަނޑުމެން ތިބީ ވަރަށް ހާލުގައި. ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އާދޭސްކޮށްގެން ދެއިރު ދެދަޅައަށް ފިނޭންސް މިނިސްޓްރީއަށް ދާންޖެހުނު،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، މިއަދު މާލޭގެ މޭޔަރަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެއް ނަމަވެސް، ދައުލަތުގެ ހުރިހާ ރަސްމިއްޔާތު ތަކަށާއި މިނިސްޓްރީތަކުން ބާއްވާ ހަރަކާތްތަކަށް ދައުވަތު އެރުވޭ ކަމަށެވެ. އަދި ކައުންސިލްގެ އެކިއެކި މަޝްރޫއުތަކަށް ފަސޭހަވާނެ ހުރިހާ ގޮތެއް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓްރީތަކުން ކޮށްދެމުންދާ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.
އެގޮތުން، މާލެ ސިޓީ ކައުންސިލްގެ އެކިއެކި ޕްރޮޖެކްޓުތަކާއި ހިންގާ އެކިއެކި މަޝްރޫއުތަކަށް ފަސޭހަވާނެ ހުރިހާ ގޮތެއް ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓްރީތަކުން ކުރަމުންދާކަން ނަރީޝް ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރީ ސަރުކާރުގައި އެކަން އޮތީ މިއާއި މުޅިން އިދިކޮޅަށް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.









