މެލޭޝިއާއިން ގެއްލިގެން ހޯދަމުން އަންނަ ދިވެހި ޒުވާން އަހުމަދު އުސައިދު އިބްރާހިމް އަފީފްގެ ބައެއް ތަކެތި އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ފެނިފައިވާ ކަމަށް އޭނާގެ ބައްޕަ އިބްރާހިމް އަފީފް ވިދާޅުވެއްޖެއެވެ.
އުސައިދު ގެއްލުނީ އާދިއްތަ ދުވަހު އޭނާ ދިރިއުޅޭ ސަންވޭ ޖިއޯއިން މެންދުރުފަހު 3:15 ހާއިރު ނުކުތް ފަހުންނެވެ. އެ ދުވަހު 4:00 އެހާކަށްހާއިރު އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން ސީސީޓީވީ ފުޓޭޖުން އެނގިފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި އަފީފް ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން އެމްބަސީގެ ސީސީޓީވީ ފުޓޭޖުތަކުން އުސައިދު ފެނިފައިވާ ކަމަށާއި، އޭނާގެ ވޮލެޓާއި ސްޓޫޑަންޓު ކާޑު އެމްބަސީ ތެރެއަށް ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް، އުސައިދު އެމްބަސީއަށް ދިޔަ ބޭނުމެއް އަދި ނޭނގޭއިރު، ޢާންމުންނާއި، މެލޭޝިއާގެ ފުލުހުން އަދި އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން އުސައިދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުސައިދު އެންމެ ފަހުން ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެއް ކަމަށް ކެމެރާތަކުން ފެންނަ ކަމަށް އަފީފް ވިދާޅުވެއެވެ.









