ރައްޔިތުންގެ މަޖިލީހުން ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރުންގެ މަޤާމަށް ކުރިމަތިލި ފަރާތްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރުން ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މި މަޤާމުތަކަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.
މަޖިލީހުން މި ފުރުސަތު ހުޅުވާލީ މިހާރު އެ މަޤާމުގައި ތިއްބެވި ދެ މެންބަރުންގެ ދައުރު ހަމަވާތީއެވެ. މިހާރު އެ މަޤާމުގައި ތިއްބެވި ބޭފުޅުންނަކީ ހ. ޝޭޑީކޯނަރ، ޙާމިދު ޢަބްދުލްޣަފޫރާއި، ސ.ހުޅުދޫ ދެތަނޑިމާގެ އަލްއުސްތާޛާ ޞަފާ ޝަރީފެވެ.
މަޖިލީހުން މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ވަނީ އެ މަޤާމުތަކަށް ކުރިމަތިލައްވާފައެވެ. އެއީ:
1. މއ. ލޫޕިން، އަޙްމަދު މިޒްމާދު
2. ގއ. ކޮނޑޭ، ފަހެލާ/ އަހުމަދު މުއާވިޔަތު ޤާސިމް
3. ގދ. މަޑަވެލި، ދޭލިޔާގެ/ ނިޞްބާޙް ޙަސަން
4. ދަފްތަރު ނަންބަރު ރސ 6613، މުޙައްމަދު ޞާދިގު
މަޖިލީހުން ވަނީ މި ހަތަރު ބޭފުޅުންނާ ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް ވާނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މަހުގެ 10 ވަނަ ދުވަހުގެ 11:00 އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް އީމެއިލްގެ ޒަރީއާއިން ޝަކުވާ ހުށަހެޅޭނެއެވެ.









