ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން އިތުރު ކާށި ގެނެސް ވިއްކަން ފަށައިފި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ އިންޑިއާއިން ރާއްޖެ ގެނައި ދެވަނަ ބެޗްގެ ކާށި މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކަމުންދާ ކަމަށާއި އެވްރެޖްކޮށް ވަކިން ކާއްޓެއް ޖެހިފައިވަނި 7 ރުފިޔާ އާއި 9 ރުފިޔާ އަށެވެ. ކިލޯއެއް ވިއްކަނީ 20 ރުފިޔާއަށެވެ.
އެހެންނަމަވެސް ލޯކަލް މާރުކޭޓުން ކާއްޓެއް ވިއްކަމުންދަނީ 40 ރުފިޔާއަށެވެ.
ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ޚާއްޞަ ސަމާލުކަމެއް ދީގެން ތައްޔާރުވެފައެވެ.
ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަތްފޯރާ އަގުގައި ފޯރުކޮށްދިނުމަށް އެސްޓީއޯއިން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.









