ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިން ރޭޕްކޮށްފައިވާ ކަމަށް އދ. ގެ ކުޑަކުދިންގެ ޖަމްޢިއްޔާ ޔުނިސެފުން ބުނެފިއެވެ. މި ކުޑަކުދިންގެ ތެރޭގައި އެއް އަހަރުގެ ކުދިން ވެސް ހިމެނޭ ކަމަށް ޔުނިސެފުން ބުނެފައިވެއެވެ.
ޔުނިސެފުން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2024 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް 221 ކުޑަކުދިން ރޭޕްކޮށްފައިވެއެވެ. މީގެ ތެރޭގައި ފިރިހެން ކުދިންވެސް ހިމެނެއެވެ. މި ކުދިން ރޭޕްކޮށްފައިވަނީ ހަތިޔާރު އަޅައިގެން ތިބި މީހުންނެވެ.
ޔުނިސެފްގެ ރިޕޯޓުގައި ވަނީ ރޭޕްކުރެވުނު ކުދިންގެ ތެރެއިން 66 އިންސައްތައަކީ އަންހެން ކުދިންނެވެ. އަދި 16 ކުދިންނަކީ 5 އަހަރުން ދަށުގެ ކުދިންނެވެ. މީގެ ތެރޭގައި އެއް އަހަރުގެ 4 ކުދިން ހިމެނެއެވެ.
ޔުނިސެފުގެ އެގްޒެކެޓިވް ޑައިރެކްޓަރ ކެތަރިން ރަސެލް ވިދާޅުވީ ޖިންސީ އަނިޔާއާއި ރޭޕްކުރުން ބޭނުންކުރަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ކުޑަކުދިން ހިމާޔަތްކުރާ ޤާނޫނުތަކާއި ޚިލާފު ކަމެކެވެ.
ސޫދާނުގައި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. މިއީ ސަރުކާރުގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ހިނގަމުންދާ ހަނގުރާމައެކެވެ. މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް މަދުވެގެން 20،000 މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ. އަދި 14 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ފިލާފައެވެ.






