ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އާންމުންނާއި ދެކޮޅަށް ބޮޑެތި ޤަތުލުޢާންމުތަކާއި ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި 70 ހަނގުރާމަވެރިއަކު ސޫދާނުގެ ދިފާއީ ބާރުތަކުން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ސޫދާނުގެ އަސްކަރިއްޔާއަށް ތާއީދުކުރާ ޖޮއިންޓް ފޯސަސްއިން ޗާޑް އަދި ލީބިޔާ ބޯޑަރު ކައިރީގައި ހިންގި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ސޫދާނުގައި ނަސްލު ނައްތާލުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ޕެރަމިލިޓަރީ ގްރޫޕެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އަށް ނިސްބަތްވާ މީހުންނެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން ޖޮއިންޓް ފޯސަސްއިން ބުނީ، މި ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް ދަތުރުކުރަމުންދިޔައީ ހަތިޔާރާއި ޑްރޯން ފަދަ ޒަމާނީ ސާމާނުތަކަކާއި އެކު ސޫދާނުގެ އެކި ސަރަޙައްދުތަކަށް ހަމަލާދިނުމަށް ކަމަށެވެ. ބޯޑަރު ކައިރީގައި ހިންގި މި ކުރިމަތިލުންތަކުގައި އެމީހުން ބޭނުންކުރި 49 ހަނގުރާމަމަތީ ވެހިކަލްވެސް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނާގޮތުގައި، އާރް.އެސް.އެފް ޖަމާއަތުން ދަނީ ދާރުފޫރު އަދި އަލް-ފާޝިރު ފަދަ ސިޓީތަކުގައި އާންމު ރައްޔިތުންނާއި ދެކޮޅަށް ބޮޑެތި ޤަތުލުޢާންމުތައް ހިންގަމުންނެވެ.