މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއަރކްރާފްޓް، އޭ330 މަތިންދާބޯޓު އިންޑިއާގެ ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުތަކެއް ކޮށްފިއެވެ. މޯލްޑިވިއަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުތައް ކޮށްފައިވަނީ މިހާރު ޗުއްޓީ ދުވަސްވަރަކަށް ވެފައިވާތީ، މި ދެ ސިޓީއަށް ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވެފައިވާތީއެވެ.

ކޮޗިންއާއި ޓްރިވަންޑްރަމަކީ ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ސިޓީތަކެކެވެ. މީގެ ކުރިން މި ދެ ސިޓީއަށް މޯލްޑިވިއަނުން ދަތުރުކުރަމުން އައީ އޭޓީއާރު 72 އަދި އެއަރބަސް އޭ320 މަރުކާގެ ބޯޓުތަކުގައެވެ. ނަމަވެސް މޯލްޑިވިއަނުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނަމަ އޭ330 ގައި މީހުން އުފުލާނެ ކަމަށެވެ.

މޯލްޑިވިއަނަށް މިދިޔަ ޖެނުއަރީ މަހު ގެނައި 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ސީދާ ދަތުރުތައް ޗައިނާގެ 3 މަންޒިލަކަށް ވަނީ ފަށާފައެވެ. މީގެ އިތުރުން ޔޫރަޕްގެ ޤައުމުތަކަށް ދަތުރުތައް ފެށުމަށްޓަކައި ވައިޑް ބޮޑީގެ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް ޤައުމީ އެއަރލައިނުން ދަނީ ކުރަމުންނެވެ.