ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހެޔޮ އަގުގައި ތާޒާ ލޮނުމެދު ވިއްކަން ފަށައިފިއެވެ.
އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ފިހާރައިން ލޮނުމެދު ކިލޯއެއް ވިއްކަން ފަށާފައިވަނީ 45 ރުފިޔާގެ އަގުގައެވެ. މިއީ ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ ތަކެތީގެ ތެރެއިން އެއް ބާވަތެވެ.
ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށާއި ލޮނުމެދުގެ އިތުރުން ފިޔާ، ބިސް އަދި އަލުވިވެސް އިމްޕޯޓްކުރަމުންދަނީ މި މަޤްޞަދުގައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުން، އެސްޓީއޯއިން ހުޅުމާލޭގައި ހޮޓާ ހޯލްސޭލް ސައިޓެއް ޤާއިމުކޮށްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. މި ސައިޓަކީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހައިން ލިބޭނެ ގޮތް ހެދުމަށާއި، އާންމުންނަށް މެދުނުކެނޑި ތަކެތި ލިބޭނެ ގޮތް މަގުފަހިކުރުމަށް ޤާއިމުކޮށްފައިވާ ސައިޓެކެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން އިތުރަށް ހާމަކުރި ގޮތުގައި، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާއި ގުޅިގެން، ރަމަޟާން މަހަށް ޚާއްޞަކޮށް އިމްޕޯޓްކުރާ ތަކެތީގެ އަގުތައް މިހާރު ވަނީ ހަތަރު ފަހަރު ބަދަލުކޮށްފައެވެ. މިގޮތުން، މިހާރު ފިޔާ ބަސްތާއެއް ވިއްކަނީ 335 ރުފިޔާއަށް، ބިސް ކޭހެއް 350 ރުފިޔާއަށް، އަދި އަލުވި ބަސްތާއެއް 515 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ތަފާތު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތި، ތާޒާ ތަރުކާރީ އަދި މޭވާ، ޕްރޮސެސްޑް ކާނާ، އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
މި ފިޔަވަޅުތަކަކީ ރަމަޟާން މަހު ކާބޯތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަޅަމުންދާ ފިޔަވަޅުތަކެވެ. މިކަމުން ރައްޔިތުންނަށް ލުޔެއް ލިބޭނެ ކަމަށް އެސްޓީއޯއިން ފާހަގަކުރިއެވެ.









