މާލެއަށް ރޭ ކުރި ގަދަ ވިއްސާރާގައި ފެންބޮޑުވެ، ގޭގެއިން ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއަކުން 40 މީހަކު ވަގުތީ ހިޔާތަަކަށް ބަދަލުކޮށްފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވިއްސާރާގައި މާލެ އާއި ރަށްރަށަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިއްޔެ އާއި ރޭ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ ހާދިސާތައް ހިނގާފައި ވާތީ، ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށް، ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ ކ. ހިންމަފުއްޓާއި ހުރާ އަދި ގުރައިދުއަށް ވެސް ބޯކޮށް ވާރޭ ވެހިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ތުލުސްދޫގައި ވެސް ފެންބޮޑުވެ ބައެއް ގޭގެއިން ނަޖިސް ލީކުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.






