މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެފައި ވާތީ އެއްވެސް ގެއަކުން އުކާލާ ކުނިތައް މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫސުން ގޯސްވެ ވިއްސާރަ ހަފްތާއަކަށް ވީނަމަވެސް ވެމްކޯގެ ހީވާގި މުވައްޒަފުން ދަނީ ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.
"މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ މުޖްތަމައުގެ އާންމު ސިއްހީ ރައްކާތެރިކަމަށްޓަކައި އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް އެދެމެވެ،" ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ޚިދުމަތް ހޯދާ ފަރާތްތަކުން ކުނި ނުނެގި ހުރި ގެއެއް ފާހަގަކުރެވިއްޖެނަމަ ނުވަތަ ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅާލައްވައި އެ މައުލޫމާތު އެ ކުންފުންޏާއި ހިއްސާކުރެއްވުމަށް ވެމްކޯއިން އެދިފައިވެއެވެ.