މިރޭ މާލޭގައި ބޯކޮށް ވެހުނު ވާރޭއާއި ގުޅިގެން މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެންވަދެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފިއެވެ.

އެމްއެންޑީއެފްގެ ބޭކަލަކު ވެލިބަސްތާއެއް ހިފައިގެން ދާއިރު، ވެހިކަލް ތެރޭގައި އިތުރު ބޭކަލަކު އަނެއް ވެލިބަސްތާ ބަލައި އަންނަންވާއިރަށް ރެޑީކުރަނީ: މާލޭގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ދަނީ ރައްޔިތުންގެ މުދާތައް ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން / ފޮޓޯ: ޚުލާސާ
އެމްއެންޑީއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ފެންހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
"ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން، ފެން ހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުން." އެމްއެންޑީއިން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތައްޔާރަށް ތިބިކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ މިރޭ ބާކީ އޮތް ވަގުތުތަކުގައި ވެސް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މެދު އަތޮޅުތަކަށް އޮރެންޖު ސަމާލުކަން ނެރެފައިވާ ކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.









