އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ އިޙްޔާ ފޯރަމް އޮންނާނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރޭ ކަމަށާއި މި ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން އިޙްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭ ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ހަތް ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް އޮންނާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ. އަތޮޅުތެރޭގައި އިޙްޔާ ފޯރަމް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެން ކަމަށް ވުޒާރާއިން ބުންޏެވެ.
އެގޮތުން މިއަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، އއ. ފެރިދޫގެ އިތުރުން ރ. މީދޫގައި ކަމަށާއި މި ރަށްތަކުގައި އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގައި ކަމަށް ވުޒާރާއިން ބުންޏެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ޚާއްސަ އެކި އިނާމުތައް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.









