ވިއްސާރައާ ގުޅިގެން މާލޭގެ ގެއަކަށް ގެއްލުންވެގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ޙިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގޭގެ ސީލިންގުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންގެ ހާލު ބެލުމަށާއި އެހީތެރިކަން ބޭނުންވާ ނަމަ ޢަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށް ފުލުހުން ގެންދަނީ ގޭގެއަށްވެސް ޒިޔާރަތް ކުރަމުންނެވެ.
ވިއްސާރައާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން 911 އަށް ގުޅުމަށް ފުލުހުން ވަނީ އަންގާފައެވެ.
މާލޭގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމަށްޓަކައި މާލޭގެ 4 ސަރަޙައްދެއްގައި އެމްއެންޑީއެފް އިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން ވިއްސާރައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށްޓަަކައި ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.









