މިއަދު މާލެއަށް ބޯކޮށް ވާރޭވެހި، ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން މާލޭގެ 4 ސަރަޙައްދެއްގައި ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް އަވަސް ސްޕީޑެއްގައި ކަމަށެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ މެދު ރާއްޖެތެރެއަށް ރީނދޫ ސަމާލާއި ދެކުނަށް ހުދު ސަމާލު ނެރެފައެވެ.
މެޓް އިން ރީނދޫ ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް، މިއަދު ހަވީރު 16:00 އިން ރޭގަނޑު 20:00 އަށެވެ. އަދި ހުދު ސަމާލު ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، ހަވީރު 16:15 އިން ރޭގަނޑު 22:00 އަށެވެ.
މެޓް އިން ބުނެފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.









