މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
ވުޒާރާއިން އެކަން އިޢުލާންކުރީ، ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު ކުރި އިޢުލާނެއްގައެވެ.
ވުޒާރާއިން ބުނީ، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ފެނުނުކަން ޝަރުޢީ ހަމަތަކުން ސާބިތުވާތީ ކަމަށެވެ.
އެހެންކަމުން، ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.
ދިވެހިރާއްޖޭގައި ރޯދަ މަސް ފެށުމުގައި ޢަމަލުކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ޤައުމަކަށް ހަނދު ފެނިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފަން ފެށުމެވެ.









