ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި 2025-2026 ވަނަ އަހަރު އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކުންފުނީގެ ހިންގާ ގަވާއިދާއި ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިޚާބުކުރެވެއެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ބާރު އަޅާ ކަމެއް ކަމަށެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފައިވާ ގޮތަށް، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުޤުވެރިކަން ފާޅުކުރުމާއި އިންތިޚާބުގައި ވާދަކުރުމަކީ އެދޭ ކަމެއް ކަމަށް އެސްޓީއޯއިން ފާހަގަކޮށްފައި ވެއެވެ. އެއީ މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ 30 އަހަރުން މަތީގެ ދިވެހިންނަށް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 21 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ. ފޯމު ހުށަހަޅަންޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް cs@sto.mv އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.









