މިރޭ މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، އެ ގޭގައި ދިރިއުޅޭ ދިވެހި ފިރިހެނަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މ. އީޒީނައިޓް ގޭގެ 3 ވަނަ ފަންގިފިލާގައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިރޭ 20:29 ހާއިރުއެވެ. ވަގުތުން ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވެއެވެ.
އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި މި ގޭސް އެކްސްޕްލޯޝަން ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި ހުރި ހޮޅި ބާރުކުރާ ނަޓު ދޫވެފައި ހުއްޓައި އުނދުން ރޯކުރަން އުޅުމުގެ ތެރޭގައެވެ. ފަޔަރ ފައިޓަރުން ވަނީ އުނދުނަށް ގުޅާފައި ހުރި ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައެވެ.
މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި، ގެއަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. ނަމަވެސް، އަނިޔާވި މީހާއާއި އެ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.









