ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަމުން އިސްތިޢުފާ ދެއްވުމަށް މަޖުބޫރު ކުރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެ ޤައުމުގެ ދަރިވަރުންގެ ޖަމްޢިއްޔާއިން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފިއެވެ.
އެގޮތުން، މި ހަފުތާގެ ތެރޭގައި ދަރިވަރުންގެ ޖަމްޢިއްޔާއިން އައު ސިޔާސީ ޕާޓީއެއް އުފައްދާނެކަަމަށް ރިފޯޓުތަކުން ހާމަވެއެވެ. މި ޕާޓީގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާނެ ކަމަށް ބެލެވެނީ ދަރިވަރުންގެ މެދުގައި އިސްކޮށް ޙަރަކާތްތެރިވާ އަދި ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ މުޝީރެއް ކަމަށްވާ ނާހިދު އިސްލާމެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު، ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި ޢަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާއި ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން މުޒާހަރާ ކުރިއެވެ. މި މުޒާހަރާތައް ރާވައި އިންތިޒާމް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ސްޓޫޑެންޓްސް އަގައިންސްޓް ޑިސްކްރިމިނޭޝަން (ސެޑް) ޖަމްޢިއްޔާއިންނެވެ.
މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމާއި ގުޅިގެން މުޒާހަރާތައް އިތުރަށް ހޫނުވެ، އެންމެ ފަހުން ޙަސީނާ ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވުމަށް މަޖުބޫރުވިއެވެ. އަދި ޤައުމު ދޫކުރައްވައި އަވަށްޓެރި އިންޑިޔާއަށް ވަޑައިގަތެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި، އިންތިޤާލީ ސަރުކާރުގައި ދަރިވަރުންގެ މަސްލަހަތަށް ވަކާލާތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ނާހިދު އިސްލާމް، ސިޔާސީ ޕާޓީ ހިންގުމަށްޓަކައި ސަރުކާރުގެ މަޤާމުން އިސްތިޢުފާ ދޭނެއެވެ.
ސިޔާސީ މަޝްރަހު ދިރާސާކުރާ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ޒުވާނުން އިސްވެ އުފައްދާ ސިޔާސީ ޕާޓީއެއްގެ ސަބަބުން ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.









