ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަ އެޕްރީލް މަހުގެ ތެރޭގައި 4 ޓަވަރެއްގައި ލިފްޓު ހަރުކޮށް ނިންމާލެވޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
އެޗްޑީސީން މަޢުލޫމާތު ދިންގޮތުގައި އެންމެ އަވަހަށް ލިފްޓު ހަރުކޮށް ނިމޭނެކަމަށް ބެލެވެނީ ޓަވަރު 1 އާއި ޓަވަރު 4 ގައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ލިފްޓު ހަރުކުރެވޭނެއެވެ. މީގެ ތެރެއިން އެއް ލިފްޓަކީ ބަލިމީހުން އަރުވާ ސްޓްރެޗަރު އެރުވޭ ވަރުގެ ޖާގަ ހުރި ލިފްޓެކެވެ.
އެޗްޑީސީން ބުނީ، ހުރިހާ ޓަވަރެއްގައި ހަރުކުރާ ލިފްޓުތަކުގެ ފައުންޑޭޝަން މިހާރު ވަނީ އަޅާ ނިމިފައި ކަމަށެވެ.
18 މިލިއަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑް އާއެވެ.









