އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ނޫރުލް އަޛާން ބަންގި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ފުރަތަމަ ބުރު މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މުބާރާތުގައި 10 ބައިވެރިން ވާދަކުރާއިރު، ފައިނަލް ބުރަށް ދަތުރުކުރާނީ ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ 6 ބައިވެރިންނެވެ. ފައިނަލް ބުރުގައި ވާދަކުރާ 6 ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި މުބާރާތުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވާފައިވަނީ އެކަމަށް ބޭއްވި އޮޑިޝަންއަކުންނެވެ. އެ އޮޑިޝަންގައި 20 ބައިވެރިން ވާދަކޮށްފައިވެއެވެ.
މި މުބާރާތުގެ މައިގަނޑު މަޤުޞަދަކީ ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި، ޒުވާނުންނާއި ކުޑަބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ. މީގެ އިތުރުން، ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަ ކުރުމާއި، ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރިއެރުވުން ހިމެނެއެވެ.
މުބާރާތުގެ އިންތިޒާމުކުރާ ފަރާތުން ހާމަކުރިގޮތުގައި، މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.









