ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ (47އ) އާއި، ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (28އ) ކަމަށެވެ.
މި ދެ މީހުން އަތުން ޖުމްލަ 440.7 ގުރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުއްލަޠީފް މޫސާ 32 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މުޙައްމަދު މާޢިދު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.









