ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ރަމަޟާން މަހު އެ ބޭންކުގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ބޭންކުގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެއެވެ.
ބީއެމްއެލްއިން މިއަދު ބުނީ، މާޗް 2025 އިން ފެށިގެން ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އޮންލައިންކޮށް އެކައުންޓް ހުޅުވުމާއި، ހުރިހާ ބާވަތެއްގެ ލޯނަށް އެދި ހުށަހެޅުމުގެ އިންތިޒާމް ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުން 10,000 ޑޮލަރާ ހަމައަށް އަދި ރާއްޖެއިން ބޭރަށް ފޮނުވާ 5,000 ޑޮލަރާ ހަމައަށް ފައިސާ ވަގުތުން ޖަމާކުރެވޭނެ އަދި ފޮނުވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ވިޔަފާރިތަކަށް ބިޒްނަސް ކާޑުން ނަގުދު ފައިސާ ނެގޭނެ ޢަދަދު 200,000 ރުފިޔާއަށް އިތުރުކުރެވޭނެއެވެ.
ބޭންކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކާޑު ގެއަށް ފޮނުވައިދިނުމުގެ ޚިދުމަތާއި، އޭޓީއެމްއިން ފައިސާ ނެގުމުގައި ދިމާވާ މައްސަލަތައް އެއް ގަޑިއިރު ތެރޭގައި ޙައްލުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
ރަމަޟާން މަހުގައި ބޭންކުގެ ބްރާންޗްތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. ނަމަވެސް ރަމަޟާން މަހުގެ ފަހު 10 ދުވަހު، 27 އަދި 29 މާޗް ފިޔަވައި، ބްރާންޗްތައް ބަންދުވާނެއެވެ. އެހެންނަމަވެސް، 24 ގަޑިއިރު ބޭންކުގެ ޑިޖިޓަލް ޗެނަލްތަކުން ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެކަމަށް ވެސް ބޭންކުން ބުންޏެވެ.









