ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި މަސައްކަތްކުރަން ރާއްޖެ ގެނައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޖަލާލުއްދީން އަންސާރީގެ މުސާރައިގެ މައްސަލަ ހައްލުވެއްޖެއެވެ.
އެކުންފުނިން ވަނީ އޭނާއަށް ނުދީ އޮތް ތިން މަހުގެ މުސާރަ ދީ، އަނބުރާ އިންޑިއާއަށް ދިއުމަށް ޓިކެޓް ހަމަޖައްސައިދީފައެވެ.
މި މައްސަލަ މީސް މީޑިއާގައި ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި މިދުއަމް ސައުދު ވަނީ މިކަން ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޖަލާލުއްދީންއަށް ތިން މަހުގެ މުސާރަ ދީފައިވާ ކަމަށާއި، މާދަމާ އިންޑިއާއަށް ދިއުމަށް ޓިކެޓް ނަގާފައިވާ ކަމަށެވެ.
ކުރިން މިދުއަމް ހިއްސާކުރި މަޢުލޫމާތުގައި، ޖަލާލުއްދީން ބުނެފައިވަނީ 10 މަސް ވަންދެން މުސާރަ ނުލިބި ހުރި ކަމަށާއި މުސާރަ ނުލިބުމުގެ ސަބަބުން ކުލި ނުދެއްކިގެން ދިރިއުޅޭ ތަނުން ނެރެލާފައިވާ ކަމަށެވެ. އަދި އޭނާ އެދުނީ އަނބުރާ އިންޑިއާއަށް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ.
މި މައްސަލައާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ހިއުމަން ޓްރެފިކިންގގެ ކުށަކަށް މި މައްސަލަ ފެތޭތޯ ބަލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ދާދި ފަހުން ވެސް ރާއްޖެއަށް ގެނެވުނު އިންޑިއާގެ ލޭބަރުންތަކަކަށް މުސާރަ ނުދީ އެ މީހުން ހާލުގައި ޖެހިގެން އުޅުނު މައްސަލައެއް މީސް މީޑިއާއިން ފެންމަތިވިއެވެ.









