މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އެ ބޭންކުގެ ކުޑަކުދިންނަށް ޚާއްޞަ އެކައުންޓު ކަމަށްވާ ބިންގާ އެކައުންޓް ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ބިންގާ މާހެފުން" ނަމުގައި މާހެފުމެއް ބާއްވަން ނިންމައިފިއެވެ.
މި މަހުގެ 22 ވަނަ ދުވަހު މާލެ އެކުވެނި ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މާހެފުން އޮންނާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
އެމްއައިބީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މާހެފުމުގައި ބިންގާ ކަސްޓަމަރުންގެ އިތުރުން އެހެން ހުރިހާ ކުޑަކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ. މި މާހެފުމުގެ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ "އާސްކް ޑރ ޒެކް" އިވެންޓު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުގައި ޑރ. ޒަކަރިއްޔާ ކުދިންނަށް ދީނީ އެކި މަޢުލޫމާތު ދެއްވާނެއެވެ.
އެމްއައިބީގެ ބިންގާ އެކައުންޓަކީ ކުޑަކުދިންނަށް ފަހަށް ރައްކާކުރުމަށް އީޖާދީ ބަދަލެއް ގެނެސް ތަޢާރަފުކުރި އެކައުންޓެކެވެ. މި އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓު ލިބޭނެއެވެ. އެއީ ބިންގާ ޓްރާންސެކްޝަން އެކައުންޓަކާއި، ބިންގާ ސޭވިން އެކައުންޓަކާއި، ބިންގާ އިންވެސްޓް އެކައުންޓެކެވެ.
އެމްއައިބީން ބުނީ މި އީޖާދީ ބަދަލާއެކު ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ ކަމަށެވެ. އަދި އެމްއައިބީން ހިންގާ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ވެސް އެކަމަށް ބާރު އެޅުން ކަމަށް އެ ބޭންކުން ބުނެއެވެ.