ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މިއީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.
މި މައްސަލައިގައި ހައްޔަރުކުރީ މުޙައްމަދު ރިޝްފާން (28 އަހަރު، ލ. ގަން / ތުނޑި. މިލާނޯ)، ޙުސައިން ޝިޔާން (23 އަހަރު، ލ. ގަން / މަތިމަރަދޫ. ރިޔާޟު) އަދި ޙައްވާ ސިމާނާ (29 އަހަރު، ލ. ގަން / ތުނޑި. ފީނިވިލާ) އެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޓަވަރު ނުވައެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ.
ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ރިޝްފާން އާއި ޝިޔާން 15 ދުވަހަށް އަދި ސިމާނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.









