މާލޭގެ މަގެއްގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މަސްތުވާތަކެތި ހޯދީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
އޮޕަރޭޝަންގައި ސައިކަލުގެ މަޑިދަށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 1 ކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯވކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.









