ރޯދަ މަހާއި ދިމާކޮށް ހުޅުމާލެ ސާފުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ރޯދަ ސާފު" ޕްރޮގުރާމު މިއަދު ފަށައިފިއެވެ.
ރޯދަ އަށް ހަފްތާއެއްހާ ދުވަސް އޮއްވައި އެޗްޑީސީ މުވައްޒަފުން ދުރާލާ ނުކުމެ މި ޕްރޮގުރާމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ސާފުކުރަން ފެށީ ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުންނެވެ.
"ރޯދަ ސާފު" ޕްރޮގުރާމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެ ތަނުގައި ދިރިއުޅޭ މީހުންގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގުރާމެކެވެ. މީގެ އިތުރުން، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހައި ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަކީ ވެސް މި ޕްރޮގުރާމުގެ މުހިންމު މަޤްޞަދެކެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގުރާމުގެ ދަށުން އަންނަ ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ "ރޯދަ ސާފު" ޕްރޮގުރާމުގައި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި، އެޗްޑީސީގެ މުވައްޒަފުން އަދި ހުޅުމާލޭގެ ރައްޔިތުން ބައިވެރިވެއެވެ.
އެޗްޑީސީން އިތުރަށް ހާމަކުރިގޮތުގައި، މުސްތަޤުބަލުގައި ވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ޚާއްޞަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.









