ހެޔޮކަންކަމަށް ހޭދަކުރަން ޒަކާތު ހައުސް އަށް ދޭ ފައިސާ ޖަމާކުރާނެ ނިޒާމެއް ޤާއިމްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތައި ޚައިރަތާއި ހިބައާއި މި ނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާގައި ޤާއިމްކުރެވިގެންދާނެ ކަމަށެވެ.
މީގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަންދިނުން މުހިންމުކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މިނިސްޓްރީން ބުނީ ވަރަށް ގިނަ ރަށް ރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަޞީލަތްތައް ހޯދަންޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަމުން ދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނާ އަކަށް ބަލައިގެން ކަމަށާއި، ކުވައިތު ޒަކާތު ހައުސްގެ ނިޒާމު އޮތީ އެފަދައިން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޒަކާތަށް ހޭލުންތެރިކުރުމަށް ޒަކާތު ހައުސްއިން ކުރިއަށް ގެންދާ މަސައްކަތްތަކާއެކު، ފާއިތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ ޢަދަދަކަށް ފައިސާ ލިބުނު އަހަރުކަން ފާހަގަކޮށްލެވެއެވެ.