ހދ. ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަޜޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނ. ވެލިދޫ / މޯނިންގސަން، ފާޠިމަތު ޝާޙާ ޙަސަން (20އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ) އާއި ސ. ފޭދޫ / ރަތްވިލާގެ، މުޙައްމަދު ރިޟުވާނު ޢަބްދުއްސައްތާރު (22އ) އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް ޢަލީ ވަޙީދު (28އ) ކަމަށެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ރޭ ދަންވަރު ހިންގި މި އޮޕަރޭޝަނުގައި، ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 13.85 ގުރާމް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.









