މި އަހަރުގެ ރަމަޟާން މަހަށް ފަހު، ރާއްޖޭގެ 6 ރަށެއްގައި އަލަށް މިސްކިތް އަޅަން ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މި މިސްކިތްތައް އަޅާނީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ. ބާރަށް އަދި ތ. ވޭމަންޑޫގައި ކަމަށެވެ.
މި މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، ސޯލާ އާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަލަށް އަޅާ މިސްކިތެއްގެ ޑިޒައިން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާ ގުޅޭގޮތަށް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން، އަދި 700 މީހުންނަށް ނަމާދުކުރެވޭނެ ތިން ސައިޒްގެ މިސްކިތްތަކެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.









