ރާއްޖެއަށް އައި ޗައިނާ މީހެއްގެ ފޮށިގަނޑުން ގިނަގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން އެމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޗައިނާއަށް ނިސްބަތްވާ 33 އަހަރުގެ ޒޮންގް ޗެންގްވެއި ނަމަކަށް ކިޔާ މި މީހާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިހާރު ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށް ފެންނަ ކަމަށާއި ހުށަހެޅިފައިވާ ބަޔާންތަކުން އޭނާ ރާއްޖެއިން ބޭރުން ގެނައި ފޮށިގަނޑުގެ ތެރޭގައި ގިނަ އަދަަދެއްގެ މަސްތުވާތަކެތި ހުރި ކަމަށް ވަގުތީ ނަތިޖާއިން ދައްކާފައިވާކަން އެނގޭ ކަމަށެވެ.
މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗާ ބެހޭ އިތުރު މަޢުލޫމާތު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.









