އެއް އަންހެނަކު ތިން ފިރިންނާއި އިނދެގެން އުޅޭ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ ކައިވެނިތަކުގެ ސަބަބުން ނަސަބު އޮޅިގެން ދިއުމުގެ ބިރު އުފެދިފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަދައްކަމުން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތަކުގެ އަދަދު ގިނަވެފައިވާ ކަމަށާއި، މި ކައިވެނިތައް ރާއްޖޭގައި ރަޖިސްޓްރީ ނުކުރުމުގެ ސަބަބުން އިތުރު އެތައް މައްސަލައެއް ކުރިމަތިވަމުންދާ ކަމަށެވެ.
މައުސޫމް ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުގައި ކައިވެނިކޮށް، އެ ކައިވެނި ރަޖިސްޓްރީ ނުކޮށް، އޭގެ މައްޗަށް އިތުރު ދެ ކައިވެނި ކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން ނަސަބު އޮޅިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެމިލީ ކޯޓުން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތަކުގެ މައިގަނޑު ސަބަބަކީ ޚަރަދުގެ މައްސަލައެވެ. ދަރިންނަށް ދޭންޖެހޭ ޚަރަދު ނުދީ ހުރުމުގެ ސަބަބުން ކައިވެނި ނުކުރެވޭ ހާލަތް އައުމުން، ރާއްޖެއިން ބޭރުގައި ކައިވެނި ކުރާ އަދަދު ނިސްބަތުން އިތުރުވެފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ކައިވެނި ކުރުމުގެ ކުރިން ފެމިލީ ކޯޓުގެ ހުއްދަ ނަގަން ޖެހޭކަމަށް ވިޔަސް، ގިނަ ފަރާތްތަކުން އެގޮތަށް ޢަމަލުކުރަމުން ނުދާކަން ވެސް ފެމިލީ ކޯޓުން ފާހަގަކުރިއެވެ.
ތިން ފިރިން ތިބި އަންހެންމީހާއާ ގުޅޭ އިތުރު މަޢުލޫމާތެއް ކޮމިޓީގައި ފެމިލީ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.