އެމްއައިބީން ވަގުތުން ޑޮލަރު މާރުކުރެވޭ ނިޒާމެއް ތަޢާރަފްކޮށްފި

އާނާ ފަހީމް | 243 ދުވަސް ކުރިން - 19 ފެބްރުއަރީ 2025 12:22
އެމްއައިބީގެ ޗީފް ރީޓެއިލް އޮފިސާރ ހުސެއިން އާލިމް ޝުކޫރު ފައިސާނެޓާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: އެމްއައިބީ
އެމްއައިބީގެ ޗީފް ރީޓެއިލް އޮފިސާރ ހުސެއިން އާލިމް ޝުކޫރު ފައިސާނެޓާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: އެމްއައިބީ
ޚުލާސާ

އެމްއައިބީއިން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ވަގުތުން ޑޮލަރު މާރުކުރެވޭ ނިޒާމެއް ތަޢާރަފްކޮށްފި. މި ޕްލެޓްފޯމް މެދުވެރިކޮށް ޑޮލަރު 15.42 ރުފިޔާއަށް މާރުކުރެވޭނެ.

އިންޓަނެޓް ބޭންކިންގ ނިޒާމަށް އައު ބަދަލެއް ގެނެސް، ވަގުތުން ޑޮލަރު މާރުކުރެވޭާރުކުރެވޭ ގޮތް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހަދައިފިއެވެ. މި ބަދަލާއެކު ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

އެމްއައިބީން މަޢުލޫމާތު ދެއްވިގޮތުގައި، މި އައު ޚިދުމަތަކީ ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ތަޢާރަފްކޮށްފައިވާ ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް އޮންލައިންކޮށް ބޭރުފައިސާގެ މުޢާމަލާތްތައް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިންގ ޕްލެޓްފޯމް "ފައިސާނެޓް" މެދުވެރިކޮށް މި ޚިދުމަތް ލިބެން ހުންނާނެއެވެ. ޑޮލަރު މާރުކުރަން ބޭނުންވާ ފަރާތްތަކުން އިންޓަނެޓް ބޭންކިންގއަށް ލޮގިންވެ، ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ޑޮލަރު މާރުކުރުމުން، އެ ފަރާތެއްގެ އެކައުންޓަށް ވަގުތުން ރުފިޔާ ޖަމާވާނެ ކަމަށް އެމްއައިބީން ބުނެފައިވެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ޑޮލަރު މާރުކުރާނީ 15.42 ރުފިޔާއަށެވެ. މިއީ ރާއްޖޭގައި ބޭންކުތަކުން ޑޮލަރު ގަނެވިއްކާ ރޭޓެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންވެސް ވަނީ އިންޓަނެޓް ބޭންކިންގ ޚިދުމަތް މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރެވޭ ގޮތް ހަދާފައެވެ.

ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ފަތުރުވެރިއަކަށް، ބޮލަކަށް ޖެހޭ ނިސްބަތުން ވަކިވަރެއް ރާއްޖޭގައި ހިންގާ ބޭންކުތަކަށް މާރުކުރުމަށް އެ ވިޔަފާރިތަކަށް ލާޒިމްކުރެއެވެ. އެގޮތުން ރިޒޯޓުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭއިރު، ގެސްޓް ހައުސްތަކުން މާރުކުރަން ޖެހޭނީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވެއެވެ. އަދި މި މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށްވެސް އެމްއެމްއޭ އިން ވަނީ ހާމަކުރައްވާފައެވެ.

މި އައު ނިޒާމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭނެ ލުއިތަކުގެ ތެރޭގައި، ބޭންކަށް ޒިޔާރަތްކުރުމަކާއި ނުލައި އޮންލައިންކޮށް ޑޮލަރު މާރުކުރެވުމާއި، ވަގުތު ސަލާމަތްވުމާއި، އަދި މުޢާމަލާތްތައް ފަސޭހަކަމާއެކު ބެލެހެއްޓުމުގެ ފުރުޞަތު ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާހމެދ ާޒެެމ

242 ދުވަސް ކުރިން - 23:30

އެމްއައިބީން ލޯން ދެއްކީމާވެއްސް ނުދައްކާ ކަމަށް ބުނަނީ