ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އައިޝަތު އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާ ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު "ރާސްތްރަޕަތީ ބަވަން" ގައި ކަމަށެވެ.
އެ ރަސްމިއްޔާތަށް ފަހު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމު ވަނީ ސަފީރު އަޒީމާއަށް ހޫނު މަރުޙަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ސަފީރު އަޒީމާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ، އިންޑިއާގެ ރައީސާއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވާފައެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން އަޒީމާ ވަނީ ޝުކުރު އަދާކޮށްފައެވެ.
އެ ބައްދަލުވުމުގައި އަޒީމާ ވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުވާލައި މިގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަންވެސް ފާހަގަކުރައްވާފައެވެ.









