ޔޫކްރެއިނުގެ ދެކުނުގައި ހުންނަ މައި އިންޖީނުގެއަކަށް ރަޝިޔާއިން ޑްރޯން ޙަމަލާއެއް ދިނުމުގެ ސަބަބުން 50،000 އަށް ވުރެ ގިނަ މީހުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށް ޔޫކްރެއިނުގެ ސަރުކާރުން ބުނެފިއެވެ.
ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މައިކޮލައިވްގެ މައި އިންޖީނުގެއަކަށް ރަޝިޔާއިން ޙަމަލާދީފައި ވާއިރު މިދުވަސްވަރަކީ އެތަމަށް ވަރަށް ފިނަގަދަ މޫސުމެކެވެ. މި ޙަމަލާގެ ސަބަބުން 46،000 އަށްވުރެ ގިނަ މީހުންނަށް ކަރަންޓުގެ ޙިދުމަތް ވަނީ ކެނޑިފައެވެ.
ޔޫކްރެއިނުގެ ބޮޑުވަޒީރު ޑެނީސް ޝްމީހާލް ވިދާޅުވީ، މިއީ ގަސްތުގައި، ފިނަގަދަ މޫސުމެއްގައި ހީޓަރުވެސް ޖެއްސޭނެ ގޮތެއް ނެތި، އިންސާނީ ކާރިޘާއެއް ކުރިމަތިކުރުވަން ކުރި ކަމެއް ކަމަށެވެ. މައިކޮލައިވްގައި ފިނިހޫނުމިން ހުރީ މައިނަސް ހަތް ޑިގްރީ ސެލްސިއަސްގައި ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑުމުގެ ސަބަބުން ގަދަފިނީގައި ތިބެންޖެހިފައިވާ މީހުންގެ އަދަދު 100،000 އަށް ވުރެ މަތިވާނެއެވެ. އަދި މިއީ ރަޝިޔާއިން ސީދާ ޔޫކްރެއިނުގެ ރައްޔިތުންނާއި ދެކޮޅަށް އަދި އެ ޤައުމުގައި ދިރިއުޅުމުގެ ޙައްޤާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމުގެ އިތުރު ސާފު ދަލީލެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ރޭ ރަޝިޔާއިން ވަނީ ޔޫކްރެއިނަށް އަމާޒުކޮށް 143 ޑްރޯން ޙަމަލާ ފޮނުވާލައިފައެވެ. ނަމަވެސް އޭގެ ތެރެއިން 95 ޑްރޯން ޙަމަލާ ހުއްޓުވި ކަމަށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. މި ޙަމަލާތަކުގައި ޢާންމުންގެ ތެރެއިން މީހަކު ވަނީ ޒަޚަމްވެފައެވެ.
ހަނގުރާމައަށް ތިން އަހަރު ފުރެން ގާތްވެފައިވާއިރު، ހަނގުރާމަ ނިމުމަކަށް ގެނެސް ޞުލްޙަ ޤާއިމުކުރަން އެމެރިކާއާއި ވިލާތުގެ ބޮޑެތި ޤައުމުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުއްލި ގޮތަކަށް ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިންއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމުން، މަސްރަޙް ވަނީ އިތުރަށް ހޫނުވެފައެވެ.









