ރަމަޟާން މަހާ ދިމާކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން މިއަދު ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބުނީ މި ހަރަކާތަކީ ރަމަޟާންމަހު މަރުކޭޓު ސަރަޙައްދުގައި ބާރުބޮޑުވުމާއި ތޮއްޖެހުމުގެ މައްސަލަ ވީހާވެސް ކުޑަކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
"ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ތައްޔާރުވުމަށްވެސް އަޅުގަނޑުމެން މިފަދަ ޕްރޮގްރާމްތައް ހިންގަމުން އަންނަނީ. މިފަހަރު އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދެނީ ޚިދުމަތްދޭ ވަގުތުތަކާއި، މަގުތަކުގެ ބާރު ކުޑަކުރުމާއި، ޚިދުމަތްތައް އަވަސްކުރުމުގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް." ފުލުހުން ބުންޏެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެ، ބާޒާރު ކުރުމަށް ގިނަ ބަޔަކު ނިކުންނަ މަހެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ޓްރެފިކްގެ މައްސަލަ ހައްލުކުރަން ކޮންމެ ރޯދަމަހަކާ ދިމާކޮށް ފުލުހުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، މި އަހަރުގެ ރޯދަމަހުވެސް މުދާ އުފުލުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ދުއްވާ އުޅަނދުތަކަށާއި، ހިނގާ ބިގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ގޮތްތަކެއް ފަހި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މާލެ ސަރަޙައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން މާލެއާއި ހުޅުމާލެ ހިމެނޭހެން މަގުތައް ޕެޓްރޯލްކުރުމާއި، އަދި ދުއްވާ އުޅަނދުތަކަށް ފަސޭހަކުރުމަށް ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެވޭނެއެވެ.









