ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) ކަމަށެވެ.
މި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ހިންނަވަރުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 66.02 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ނައިފަރުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ނަގިލިޖެހިގެ، ޢަލީ މުޙައްމަދުފުޅު (54އ) އާއި ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (26އ) ކަމަށެވެ.
ޢަލީ މުޙައްމަދުފުޅު (54އ) ހައްޔަރުކޮށް އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ތަނެއް ބަލައިފާސްކުރިއިރު ފަސް ދަޅު ބަނގުރާ ފެނިފައިިވާ ކަމަށް ފުލުހުން ބުންޏެވެ.
އަޙްމަދު ވިއާމް (26އ) ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 12 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަތަކާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޅ. ނައިފަރު / ނަގިލިޖެހިގެ، ޢަލީ މުޙައްމަދުފުޅު (54އ) ދެ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (26އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަންތައް ހިންގާފައިވަނި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޅ. އަތޮޅު ފުލުހުން ގުޅިގެން ކަމަށެވެ. އަދި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.









