މެދުއިރުމަތީގައި އެމެރިކާއަށް ބޭނުން ކަމެއް ނުކުރެވިގެން އުޅެނީ އީރާނުން އެމެރިކާ އަށް އެ ފުރުޞަތު ނުދޭތީއެވެ. އެމެރިކާ ބޭނުންވަނީ އިސްރާއީލަކީ މެދުއިރުމަތީގައި އޮންނަން ޖެހޭ އެންމެ ބާރުގަދަ ޤައުމަށް ހަދާށެވެ.
މިކަމުގައި އިސްރާއީލާއި އެމެރިކާއަށް އޮތް ހަމައެކަނި ގޮތަކީ އީރާނު ނިކަމެތިކޮށްލުމެވެ.
ރައީސް ޓްރަމްޕް މީގެކުރިން ވަނީ އީރާނަށް އިންޒާރު ވެސް ދީފައެވެ. އެއީ އޭނާ މަރާލައިފިނަމަ އީރާން ނައްތާލާނެ ކަމަށް ވިދާޅުވެއެވެ.
އަނެއްކޮޅުން އިއްޔެ އިސްރާއީލުން ވަނީ އީރާނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިސްރާއީލަށް ފުރިހަމަ އެހީތެރިކަން އެމެރިކާއިން ދޭނެ ކަމަށް ނުސީދާކޮށް ވިދާޅުވެފައެވެ. ނެތަންޔާހޫ ވިދާޅުވީ އީރާނުގެ "ކަންތައް ނިންމާލުމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހީތެރިވެދެއްވާނެ ކަމަށެވެ.
ނެތަންޔާހޫ މިފަދައިން ވިދާޅުވެފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއްޔެ އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ނެތަންޔާހޫ ވިދާޅުވީ އީރާނަށް ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި އެ ޤައުމުގައި ހިނގަމުންދާ އަނިޔާވެރިކަން ނައްތާލަންޖެހޭ ކަމަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުގައި މިހާރު ވެސް ނިއުކްލިއާ ހަތިޔާރު އެބަހުއްޓެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވީ އީރާނަކީ މި ސަރަހައްދުގައި އޮތް ނުތަނަވަސްކަމުގެ އެންމެ ބޮޑު އެއް ބާރު ކަމަށެވެ. އަދި ކޮންމެ ޓެރަރިސްޓް ޖަމާއަތެއްގެ ފަހަތުގައާއި އަނިޔާވެރި ކޮންމެ އަމަލެއްގެ ފަހަތުގައާއި، ހަމަނުޖެހުން ނަގާލާ ކޮންމެ އަމަލެއްގެ ފަހަތުގައި އޮންނަނީ އީރާނު ކަމަށް ވެސް ރޫބިއޯ ވިދާޅުވިއެވެ.
ނަތަންޔާހޫ ވިދާޅުވެފައިވަނީ ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވާނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައި ކަމަށާއި، ޓްރަމްޕްގެ ތާއީދާ އެކު އީރާނުގެ "ކަންތައް ނިންމާލެވޭނެ" ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
މީގެއިތުރުން، ޣައްޒާގައި ރަހީނުކޮށްފައިވާ އެންމެން ހަމާސްއިން ދޫކޮށް ނުލައިފި ނަމަ "ނަރަކައިގެ ދޮރުތައް" ހުޅުވާލާނެ ކަމަށް އިސްރާއީލާއި އެމެރިކާ އެއްބަސްވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
މި ބައްދަލުވުން ބޭއްވިފައިވަނީ ރައީސް ޓްރަމްޕްގެ އަމުރަކާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީފައިވަނިކޮށެވެ. އިސްރާއީލުން ޣައްޒާގެ ރަފަހަށް އެއްގަމު މަގުން ހަމަލާދޭން ފެށުމުގެ ސަބަބުން އިސްރާއީލަށް ބޮޑެތި ހަތިޔާރު ފޮނުވުން ހުއްޓުވާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއެވެ.









