ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީގެ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމް އެއް ޤާއިމްކޮށް، އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ތަޢާރަފްކޮށްފިއެވެ.
އައްޑޫ ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އައު ޑޮލަރު އޭޓީއެމް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
ބީއެމްއެލް އިން ބުނީ، މި އައު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ވެސް އިތުރު ލުއިފަސޭހަތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑޮލަރު އޭޓީއެމް ޤާއިމްކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުޢާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
މި ޑޮލަރު އޭޓީއެމްގެ އިތުރުން، ހިތަދޫ ބްރާންޗުގައި މިހާރުވެސް 2 އޭޓީއެމް ޤާއިމްކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް އޭޓީއެމް ޚާއްޞަކުރެވިފައިވަނީ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތަށް ކަމަށާއި، އަނެއް އޭޓީއެމް އަކީ ހަމައެކަނި ފައިސާ ނެގުމަށް ޚާއްޞަކުރެވިފައިވާ އޭޓީއެމް އެއް ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، އައްޑޫ ސިޓީއަށް ޑޮލަރު ޚިދުމަތް ތަޢާރަފްކުރުމާއެކު، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 151 އޭޓީއެމް އަދި އޭޖެންޓު ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ފޯރުކޮށްދޭ ބޭންކެވެ.









