މާލެ ސަރަޙައްދުގެ ޓެކްސީ ޑްރައިވަރުން މިދިޔަ ޑިސެންބަރު މަހު ކުރި އިހުތިޖާޖާ ގުޅިގެން ތިން ޓެކްސީ ޑްރައިވަރަކަށް ދަޢުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.
ޑިސެމްބަރު 11 ވަނަ ދުވަހު ހިންގި މި އިހުތިޖާޖާ ގުޅިގެން ދަޢުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރޭގައި މުޙައްމަދު ޝާމިން (39 އަހަރު، މއ. ވިރާހު)، މިސްބާޙު ޝަރީފް (31 އަހަރު، މއ. ނަހީދީ މަންޒިލް) އަދި ނުޢުމާން އަޙްމަދު (36 އަހަރު، ހދ. ކުމުންދޫ، ހޮލިޑޭވިލެޖް) ހިމެނެއެވެ.
އިހުތިޖާޖުގެ ތެރޭގައި ޓެކްސީ ޑްރައިވަރުން ވަނީ ހުޅުމާލެއިން ހަލިމަގަށް އަރާ މަގު ބަންދުކޮށްފައެވެ. މީގެ ސަބަބުން ޓްރެފިކް ބޮޑުވެ، މަގުތައް ބްލޮކްވެފައިވެއެވެ. އާއްމު ދަތުރު ފަތުރަށް ހުރަސް އަޅައި، މަގުތައް ބްލޮކް ކޮށްފައިވާ މައްސަލައާ ގުޅިގެން ޝާމިން އާއި ނުއުމާނު އެ މުޒާހަރާގެ ތެރެއިން ވަނީ ހައްޔަރުކޮށްފައެވެ.
މިސްބާހު ހައްޔަރު ކޮށްފައިވަނީ އެ ރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމު ދަތުރުފަތުރަށް ހުރަސްއަޅާ މަގު ބްލޮކް ކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާތީއެވެ.
ފުލުހުން ވަނީ މި މުޒާހަރައިގައި ބައިވެރިވި 22 ޓެކްސީއެއް ޓޯ ކޮށްފައެވެ.
މި ތިން މީހުންގެ މައްޗަށް ކުރަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތަކުގެ އަޑުއެހުން އޮންނާނެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާކަން ފާހަގަކުރެވެއެވެ. މި މައްސަލައާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އިތުރު މަޢުލޫމާތު ދޭން ބޭނުންނުވާކަމަށް ބުނެފައެވެ.









