ރޭ ދަންވަރު މާލޭގެ މަގުމަތީގައި އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ 2:39 ހާއިރު މާވެޔޮ މަގު ކަންމަތީގައި އުޅެނިކޮށް ކަމަށެވެ. ހައްޔަރުކުރި އިރުވެސް މި ދެ މީހުން ތިބީ އަންހެން ހެދުން އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ލިލީގެ މުޙައްމަދު ސަބާޙް (46 އަހަރު) އާއި ނ. މިލަންދޫ ސޯސަންގެ މުޙައްމަދު ނައުޝާދު (42 އަހަރު) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދަމުންނެވެ.
މިފަދަ މައްސަލަތަކުގައި ޢާންމު ރައްޔިތުން ސަމާލުވުމަށާއި، ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.









