އުތުރު ސަރަޙައްދުގެ ރަށެއްގައި އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ދެ މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހުސްވި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ފާހަގަކުރި ގޮތުގައި ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަ ތަކަކީ އެ ޚިދުމަތުން ސީރިއަސް މައްސަލަ ތަކުގެ ގޮތުގައި ބަލަމުންދާ މައްސަލަ ތަކެކެވެ.
ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ގޮތުން އެކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކުގައި އެކުދިންގެ ވަނަވަރު ދެނެގަނެވޭނެ މަޢުލޫމާތު ހާމައެއް ނުކުރެއެވެ.









