މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަހްމަދު ނާޒިމް (19 އަހަރު) ކަމަށެވެ.
ފުލުހުން ބުނީ މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަ ވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކުގައެވެ.









