އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިންއާއެކު، ތިން އަހަރު ދުވަހަށް ދިގުދެމިގެންދިޔަ ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް މަޝްވަރާތައް "ވަގުތުން" ފެށުމަށް އެއްބަސްވުމާއި ގުޅިގެން، ޔުކްރެއިން ބައިވެރިނުކޮށް އެއްވެސް ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާމެދު ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އިންޒާރު ދެއްވައިފިއެވެ.
މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، މި ބައްދަލުވުމުގައި ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރެވިދާނެ ކަމުގެ ޚިޔާލު ބަލައިނުގަންނަ ކަމަށެވެ. "ސުލްޙައިގެ އެއްބަސްވުމެއްގައި މިއުނިކްގައި ސޮއެއް ނުކުރެވޭނެ - މީގެ ކުރިން މިތާ ސޮއިކުރެވުނު އެއްޗެއް އަޅުގަނޑުމެންނަށް ހަނދާން އެބަހުރި،" އޭނާ ވިދާޅުވިއެވެ. މިއީ 1938 ގެ މިއުނިކް އެއްބަސްވުމަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކައެކެވެ. އެ އެއްބަސްވުމުން ހިޓްލަރު ހުއްޓުވުމަށް ބާރެއް ނުފޯރުވުނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ހުއްޓުވުމަކަށް ވެސް ނާދެވުނެވެ.
ޒެލެންސްކީ މިހެން ވިދާޅުވީ، ޔޫރަޕް ނުހިމަނައި ޞުލްޙައިގެ ވާހަކަތައް އެމެރިކާ އާއި ރަޝިއާއިން ކުރިޔަށް ގެންދާތީއެވެ.
އެކަމަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވީ، ޔުކްރެއިން ނުވަތަ ޔޫރަޕް ބައިވެރިނުކޮށް ހަނގުރާމަ ނިންމުމަށް މަސައްކަތްކުރުމަކީ ރަނގަޅު ޚިޔާލެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން ނުލައި ނުވަތަ ޔޫރަޕް ނުލައި އެއްބަސްވުމަކަށް އައުމަކީ ރަނގަޅު ޚިޔާލެއް ނޫން." ޒެލެންސްކީ ވިދާޅުވިއެވެ.
ޔުކްރެއިންގެ ވެރިޔާ ވަނީ، އެތައް އަހަރެއްގެ މަޝްވަރާ ތަކަށްފަހު ވެސް ނޭޓޯއިން ޔުކްރެއިން އެ އިއްތިހާދަށް ވެއްދުމަށް ނުކުޅެދުނު ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ އަދި އެމެރިކާއިން ޔުކްރޭނު ނޭޓޯއަށް ވައްދާނެ ކަމަށް ބުނެ ދެއްކީ މުޅީން ހުވަފެން ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތް ވިދާޅުވީ، ޓްރަމްޕް ސަރުކާރުން ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށާއި އަދި ޔުކްރޭނު އޮންނަން ޖެހޭނީ 2014 އިގެ ކުރިން ރަޝިއާއިން އަންގާފައިވާ ގޮތާއި އެއްގޮތަށް ބޯޑަރު ސރަޙައްދުތަކުން ރަޝިއާއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަޤީންކަން ދޭގޮތަށެވެ.
ޒެލެންސްކީ ވިދާޅުވީ ޔުކްރެއިން ނޭޓޯގައި ނުހިމެނޭނަމަ، އަސްކަރިއްޔާ ބޮޑުތަނުން ފުޅާކުރަން ޖެހޭނެ ކަމަށެވެ. "އަޅުގަނޑުމެން ނޭޓޯއަށް ނުވަދެވޭނަމަ، އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބޮޑުމިން ދެގުނަ ކުރަން ޖެހޭނެ... އަޅުގަނޑުމެން ނޭޓޯގައި ނެތްނަމަ، އަޅުގަނޑުމެންނަށް 1.5 މިލިއަން މީހުންގެ އަސްކަރިއްޔާއެއް ބޭނުންވާނެ - އެއީ ހަމައެކަނި ޙަޤީޤީ ސަލާމަތީ ގެރެންޓީ އަކަށް ކަމަށް.









