މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ސަލްޓަން ޕާކު މަރާމާތުކޮށް އައު ސިފައެއްގައި ތަރައްޤީކުރުމަށް އެ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު، 24 ވަނަ ދުވަހު އަގު ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި ބިޑުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި، ޕާޓްނަރޝިޕްތަކާއި، ލޯކަލް އިންވެސްޓްމަންޓް ތަކާއި، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސަމާލުކަމެއް ދެއްވާ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.
އިއްޔެ ރައީސް މުޢިއްޒު ސަލްޓަން ޕާކަށް ޒިޔާރަތްކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލެއްވުމަށްފަހު ވިދާޅުވެފައި ވަނީ ރަސްފަންނާއި ސަލްޓަން ޕާކުގެ ޙާލަތު ފެނިވަޑައިގެން ހިތާމަކުރައްވާ ކަމަށާއި، އެ ދެތަނުގެ ރީތިކަން އަލުން ގެނެސްދެއްވާނެ ކަމަށެވެ.
ރަސްފަންނާއި ސަލްޓަން ޕާކަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ. އެކަމަކު، އެ ތަން އެންމެ ރަނގަޅު ގޮތެއްގައި ބަލަހައްޓަމުން ނުދާ ކަމުގެ ޝަކުވާ ވަރަށް ގިނަ އާންމުން ވެސް ކުރެއެވެ.









