ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން މާލެ ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތުގެ ތެރޭގައި މަގުމަތީގައި ބަހައްޓާފައި ހުރި ބާ އުޅަނދުތައް ނެގުމާއި، އެކި ސަރަހައްދުތައް ސާފުކުރުން ހިމެނެއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބަރަކާތްތެރި ރޯދަ މަހަށް މާލެ ސިޓީ ސާފު ކުރުމުގެ ތެރެއިން ބޭނުން ނުކޮށް މަގުމަތީގައި ބަހައްޓާފައި ހުންނަ ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ނަގަމުންދާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން "އީގަލްސް ކޮމިއުނިޓީ- އެންމެން އެކުގައި ސާފުކުރަމާއި" ގެ ނަމުގައި މާފަންނު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްދާއިރު، "ރޯދަ ސާފު" ގެ ނަމުގައި މާލެ ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއްވެސް ކުރިއަށްދާ ކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައި ވެއެވެ. މި ދެ ހަރަކާތުގައި ވެސް މާލެ ސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް ވެއެވެ.
"ރޯދަ ސާފު" ހަރަކާތުގެ ދަށުން މާލޭގެ ފަސް ސަރަހައްދެއް ސާފުކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރި ވަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. މީގެ އިތުރުން، މި ހަރަކާތުގެ ދަށުން ހުޅުލެ ސާފުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރިއަށް ގެންދާ ކަމަށް ވެސް ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.
މި މަސައްކަތް ތަކަކީ ރަމަޟާން މަހަށް މާލެ ސިޓީ ތައްޔާރު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކެއް ކަމަށް މާލެ ސިޓީ ކައުންސިލު ކައުންސިލުން ބުނެފައިވެއެވެ.









