މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހެޔޮ އަގުގައި ފިޔާ އާއި އެހެނިހެން ކާބޯތަކެތި އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ. މިއީ ރަމަޟާން މަހު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.

މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 25 ރުފިޔާ އާއި 30 ރުފިޔާ އާ ދެމެދުގައެވެ. ނަމަވެސް އެސްޓީއޯއިން މިހާރު ފިޔާ ކިލޯއެއް ވިއްކަނީ 16 ރުފިޔާއަށެވެ. އަދި ފިޔާ ބަސްތާއެއް 350 ރުފިޔާއަށް، އަދި 10 ބަސްތާ ފިޔާ 3،400 ރުފިޔާއަށް ވިއްކަމުން ގެންދެއެވެ.

ފިޔާގެ އިތުރުން، އެސްޓީއޯއިން ދަނީ ލުނބޯ އަދި ކާށި ވެސް ހެޔޮ އަގުގައި ވިއްކަމުންނެވެ. އެސްޓީއޯއިން ކާއްޓެއް 5 ރުފިޔާއަށް ވިއްކަމުން ދާއިރު، ބާޒާރުގައި މިވަގުތު ކާށީގެ އަގު އުޅެނީ 10 ރުފިޔާ އާއި 25 ރުފިޔާ އާއި ދެމެދުގައެވެ.